ބްރެޒިލްގައި 1950 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ދެ ވަނަ ބޮޑު ހަނގުރާމައިގެ މެދުކެނޑުމަށް ފަހު ބޭއްވުނު ފުރަތަމަ މުބާރާތެވެ. މި މުބާރާތް ބާއްވާނެ ގައުމެއްގެ ގޮތުގައި ބްރެޒިލް ކަނޑައެޅީ 1946 ވަނަ އަހަރުގެ ފީފާ ކޮންގްރެސްގަ އެވެ. ހަގީގަތުގައި ހަނގުރާމައިގެ ކުރިން 1942 ވަނަ އަހަރުގެ މުބާރާތަށް ބްރެޒިލާއި ޖަރުމަން އަދި އާޖެންޓީނާއިން ބިޑް ކުރި ނަމަވެސް، ހަނގުރާމައަށް ފަހު ދުނިޔޭގެ މަސްރަހު އޮތް ގޮތުން 1946 ގައި މުބާރާތް ބާއްވަން ހަވާލުވާނެ އެހެން ގައުމެއް ނުވުމުން، އެ ބުރަ ޒިންމާ އުފުލައި މުޅި ދުނިޔެއަށް ފުޓްބޯޅައިގެ އުއްމީދު އައުކޮށްދިނީ ބްރެޒިލުންނެވެ.
މި މުބާރާތުން ފެނިގެން ދިޔައީ ހަނގުރާމައަށްފަހު ސިޔާސީ ގޮތުން ދުނިޔެ ބައިބައިވެފައި އޮތް މަންޒަރެވެ. ހަނގުރާމައިގައި ހިންގި ޖަރީމާތަކާ ގުޅިގެން ޖަރުމަނާއި ޖަޕާން މުބާރާތުން ސަސްޕެންޑް ކުރިއިރު، ސޯވިއެޓް ޔޫނިއަނާއި ހަންގޭރީ ފަދަ ގައުމުތަކުން ސިޔާސީ ސަބަބުތަކަށްޓަކައި މުބާރާތުން ވަކިވި އެވެ. މީގެ އިތުރުން އާޖެންޓީނާއިން ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނާ ޖެހުނު މައްސަލަތަކެއްގައި ވަކިވިއިރު، އިންޑިއާއިން މުބާރާތުން ވަކިވީ ދަތުރުގެ ހަރަދު ބޮޑުވުމާއި ތައްޔާރުވާން ވަގުތު ނެތުމުގެ ސަބަބުންނެވެ.
އޭރުގެ ޗެމްޕިއަން އިޓަލީ މުބާރާތަށް އައީ 1949 ގެ "ސުޕާގާ" މަތިންދާބޯޓު އެކްސިޑެންޓުގައި އެ ގައުމުގެ އެންމެ މޮޅު ކުޅުންތެރިން މަރުވުމުގެ ހިތާމައިގަ އެވެ. އެ ބިރުވެރިކަމުގެ ސަބަބުން އިޓަލީ ޓީމުން ބްރެޒިލަށް ދަތުރުކުރީ ކަނޑު މަގުންނެވެ.
މި މުބާރާތުގެ އެންމެ އާދަޔާހިލާފު އެއް ކަމަކީ މިއީ ރަސްމީކޮށް "ފައިނަލް މެޗެއް" ނެތް ހަމައެކަނި ވޯލްޑް ކަޕަށް ވުމެވެ. މުބާރާތުގެ ފޯމެޓް އޮތްގޮތުން، ޗެމްޕިއަންކަން ކަނޑައެޅީ އެންމެ ފަހު ބުރުގައި ވާދަކުރި ހަތަރު ޓީމުގެ މެދުގައި ކުޅެވުނު ލީގު އުސޫލުންނެވެ. މި މުބާރާތުގައި ފެނުނު އެންމެ ބޮޑު ސިއްސުމަކީ، ފުޓްބޯޅައިގެ ބާނީން ކަމަށްވާ އިނގިރޭސި ވިލާތް، އޭރު އެއްވެސް ތަޖުރިބާއެއް ނެތް އެމެރިކާ އަތުން 1-0 އިން ބަލިވުމެވެ. މި ނަތީޖާގެ ޚަބަރު އިނގިރޭސި ވިލާތުގެ ބައެއް ނޫސްތަކަށް ލިބުމުން، އެއީ ލިޔުމުގެ ކުށެއް ކަމަށް ހީކޮށް އިނގިރޭސިން 10-1 އިން މޮޅުވީ ކަމަށް ވެސް ބައެއް ނޫސްތަކުގައި ޖެހި އެވެ.
ކުޅިވަރުގެ ގޮތުން ބަލާއިރު، މިއީ އުރުގުއޭ އެނބުރި އައިސް ދުނިޔެ ސިއްސުވާލި އަހަރެވެ. ކުރީގެ ދެ މުބާރާތުގައި ބައިވެރިނުވި އުރުގުއޭއިން، މުބާރާތް ނިންމުމަށް ކުޅުނު ފަހު މެޗުގައި ބްރެޒިލްގެ މައްޗަށް ކުރި ހޯދައި، ދެ ވަނަ ފަހަރަށް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. ބްރެޒިލްގެ މަރަކަނާ ސްޓޭޑިއަމްގައި ގާތްގަނޑަކަށް ދެލައްކައެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަކީ، ފުޓްބޯޅަ ތާރީހުގައި "މަރަކަނާޒޯ" ގެ ނަމުން މަޝްހޫރުވި، ބްރެޒިލްގެ ސަޕޯޓަރުން މިއަދުވެސް ހިތާމައާއެކު ހަނދާންކުރާ މެޗެކެވެ. މިއީ މުޅި ބްރެޒިލް ރޮއްވާލައި، އެ ގައުމުގެ ފުޓްބޯޅަ ތާރީހު ހިތްދަތިކޮށްލި މެޗެވެ.