ފްރާންސްގައި 1998 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަކީ ގިނަ ގޮތްގޮތުން ތާރީހީ މުބާރާތެކެވެ. މިއީ ވޯލްޑް ކަޕުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 24 އިން 32 އަށް އިތުރުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މި މުބާރާތުގެ އެންމެ ބޮޑު ސުރުހީއަކީ ފައިނަލް މެޗުގެ މަދު ގަޑިއިރުތަކެއް ކުރިން ބްރެޒިލްގެ ތަރި ރޮނާލްޑޯއަށް ދިމާވި ހާދިސާ އެވެ. މެޗު ފެށުމުގެ 72 މިނެޓް ކުރިން އާންމުކުރި ޓީމު ލިސްޓުގައި ރޮނާލްޑޯގެ ނަމެއް ނެތެވެ. މުޅި ދުނިޔެ ސިއްސައިގެން ދިޔައީ އެދުވަސްވަރު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ނުލައި ބްރެޒިލް ފައިނަލް ކުޅެން އުޅުމުންނެވެ. ނަމަވެސް، މެޗު ފެށެން ކުޑަތަންވެފައި ވަނިކޮށް އަލުން ލިސްޓު ބަދަލުކޮށް ރޮނާލްޑޯ ފުރަތަމަ އެގާރައިގައި ހިމެނިއެވެ. ފަހުން އެނގުނު ގޮތުގައި، މެޗުގެ މަދު ގަޑިއިރުތަކެއް ކުރިން ރޮނާލްޑޯއަށް ފިޓް ޖެހި ވަރަށް ބޮޑަށް ބަލިވިއެވެ. އޭނާ ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމަށްފަހު ދަނޑަށް އައީ މެޗު ފެށެން ކައިރިވެފައި ހުއްޓަ އެވެ.
ރޮނާލްޑޯ ކުޅެން ބޭނުންވާކަމަށް އަމިއްލައަށް ބުނުމުން ކޯޗު މާލިއޯ ޒަގަލޯ އޭނާ ލައިންއަޕަށް އެރުވި އެވެ. ނަމަވެސް މެޗުގައި ރޮނާލްޑޯ ފެނުނީ ވަރަށް ވަރުބަލިކޮށެވެ. ބްރެޒިލްގެ މުޅި ޓީމު އޮތީ އެ ހާދިސާގެ ސަބަބުން ނަފްސާނީ ގޮތުން ބަލިވެފަ އެވެ. މި މުބާރާތުގައި އަލަށް ތައާރަފްކުރި "ގޯލްޑަން ގޯލް" ގަވާއިދުގެ ދަށުން ފުރަތަމަ ލަނޑު ޖެހީ ފްރާންސްގެ ލޯރެން ބްލޮންކް އެވެ. އެއީ ގަދަ 16 ގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
މީގެ އިތުރުން، މި މުބާރާތުގައި ކްރޮއޭޝިއާގެ ދަވޯ ސުކާ 6 ލަނޑު ޖަހައިގެން ރަން ބޫޓު ހޯދިއިރު، އަލަށް ވާދަކުރި ކްރޮއޭޝިއާ ވަނީ ތިން ވަނަ ހޯދައި މުޅި ދުނިޔެ ހައިރާންކޮށްލައިފަ އެވެ. އަދި އިންގްލެންޑުގެ ޒުވާން ތަރި މައިކަލް އޮވެން އާޖެންޓީނާ ކޮޅަށް ޖެހި ހިތްގައިމު ލަނޑަކީ މިއަދާ ހަމައަށްވެސް މީހުން ދައްކާ ވާހަކައެކެވެ. ނަމަވެސް އެ މެޗުގައި އިންގްލެންޑުގެ ޑޭވިޑް ބެކަމްއަށް ދެއްކި ރަތް ކާޑަކީ އޭނާގެ ކެރިއަރުގެ އެންމެ ހިތްދަތި އެއް ހަނދާނެވެ.