އިޓަލީގައި 1990 ވަނަ އަހަރުގެ ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށްޓަކައި ބްރެޒިލާއި ޗިލީ ބައްދަލުކުރި މެޗަކީ މުޅި ދުނިޔެ ސިއްސުވާލި ހާދިސާއެއް ފެނިގެންދިޔަ މެޗެކެވެ. ބްރެޒިލްގެ މަރަކާނާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުން 1-0 އިން ޗިލީ ބަލިވަމުން ދަނިކޮށް، އެ ގައުމުގެ ކީޕަރު ރޮބާޓޯ ރޮޖާސް ވަނީ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ބިރުވެރި "ޑްރާމާ" އެއް ކުޅެފަ އެވެ. މެޗުގެ ފަހު ހާފުގެ ތެރޭގައި ބްރެޒިލްގެ ސަޕޯޓަރަކު އުކާލި އަލިފާން ބޯޅައެއް ރޮޖާސް ކައިރިއަށް ވެއްޓުނު ވަގުތު، އޭނާ ވަނީ ދަނޑުމައްޗަށް ވެއްޓި މޫނުގައި އަތްއަޅައި ތަދުވާކަމަށް ދައްކާފަ އެވެ. ކުޑަވަގުތުކޮޅެއްގެ ތެރޭގައި ރޮޖާސްގެ މޫނުމަތިން ގިނަ އަދަދަކަށް ލޭ އޮހޮރެމުންދިޔަ މަންޒަރު ފެނުމާއެކު، ޗިލީގެ ކުޅުންތެރިން ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި މެޗު އިތުރަށް ކުރިއަށް ގެންދަން ދެކޮޅު ހަދައި ދަނޑުން ފައިބައިފަ އެވެ. އެމީހުންގެ މަގުސަދަކީ ބްރެޒިލްގެ ސަޕޯޓަރުންގެ ހަމަލާއަކުން ކުޅުންތެރިޔަކަށް އަނިޔާވިކަމަށް ދައްކައި، ފީފާ މެދުވެރިކޮށް ބްރެޒިލް ބަލިކޮށް މެޗުގެ ތިން ޕޮއިންޓް ހޯދުމެވެ. މުޅި ދުނިޔެއަށް އެ މަންޒަރު ފެނުނީ ބްރެޒިލްގެ ސަޕޯޓަރުންގެ ވަރަށް ނުރައްކާތެރި ހަމަލާއެއްގެ ގޮތުގަ އެވެ.
ނަމަވެސް، ފީފާއިން މި މައްސަލަ ތަހުގީގުކުރުމަށްޓަކައި މެޗުގެ ފޮޓޯތަކާއި ވީޑިއޯތައް ތަފްސީލުކޮށް ބެލިއިރު، ހަގީގަތް ފަޅާއެރި އެވެ. އަލިފާން ބޯޅަ ވެއްޓުނީ ރޮޖާސްއާ ދުރަށެވެ. ފަހުން އެނގުނު ގޮތުގައި ރޮޖާސް ވަނީ އޭނާގެ އަންގި ތެރޭގައި ރޭޒަރު ތިލައެއް ފޮރުވައިގެން ދަނޑަށް އަރައިފަ އެވެ. އަދި އަލިފާން ބޯޅަ ވެއްޓުނު ވަގުތު، އެކަމުގެ ފައިދާ ނަގައި އަމިއްލަ އަތުން މޫނު ކަފާލީ އެވެ. މިކަން ފަޅާއެރުމާއެކު، ފީފާއިން ރޮޖާސް އުމުރަށް ސަސްޕެންޑް ކުރި ނަމަވެސް، ފަހުން 12 އަހަރަށް ބަދަލުކުރި އެވެ.
މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި ނަތީޖާއަކީ ގްރޫޕް ސްޓޭޖުގައި ކެމެރޫން އަތުން އާޖެންޓީނާ ބަލިވުމެވެ. ކެމެރޫން މި މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް، ވޯލްޑް ކަޕެއްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެފްރިކާ ބައްރުގެ ފުރަތަމަ ޓީމުގެ ޝަރަފު ހޯދި އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އާޖެންޓީނާ ބަލިކޮށް ހުޅަނގު ޖަރުމަނެވެ. މިއީ "ހުޅަނގު ޖަރުމަނު" ގެ ނަމުގައި އެ ގައުމުން ވާދަކުރި ފަހު މުބާރާތެވެ. ސަބަބަކީ އެ އަހަރުގެ އޮކްޓޯބަރު މަހު ހުޅަނގާއި އިރުމަތީ ޖަރުމަނު އެއްކޮށްލައި، އެއް ގައުމެއްގެ ގޮތުގައި ރަމްޒުކުރަން ފެށުމެވެ. ކުރީގެ މުބާރާތުގެ ޗެމްޕިއަނުންގެ ގޮތުގައި އައި އާޖެންޓީނާއަށް މިފަހަރު ޖެހުނީ ރަނަރަފްގެ މަގާމުން ފުއްދާލާށެވެ.