ކޮލަމްބިއާގައި 1986 ގެ ވޯލްޑް ކަޕް ބާއްވަން ފީފާގެ ބައްދަލުވުމުން ނިންމީ 1974 ގަ އެވެ. އެކަމަކު ވޯލްޑް ކަޕް ބާއްވަން ހަތަރު އަހަރަށް ވެފައި ވަނިކޮށް އެ ގައުމުން އެ ފުރުސަތު ދޫކޮށްލީ އިގްތިސޯދީ ގޮތުން އޭރު ކުރިމަތި ވެފައި އޮތް ދަތި ހާލަތުގެ ސަބަބުންނެވެ. ކޮލަމްބިއާއިން ފުރުސަތު ދޫކޮށްލުމުން ތިން ގައުމަކުން ޝައުގުވެރިކަން ފާޅު ކުރި އެވެ. މެކްސިކޯ، ކެނަޑާ އަދި އެމެރިކާ އެވެ. ފީފާގެ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ނިންމީ މެކްސިކޯ އަށް ވޯލްޑް ކަޕް ބޭއްވުމުގެ ފުރުސަތު ދިނުމަށެވެ.
ވޯލްޑް ކަޕް ބާއްވަން މެކްސިކޯ ތައްޔާރުވަމުން ދަނިކޮށް، މުޅި ގައުމު ސިއްސުވާލި އެ ގައުމަށް އައި ބާރުގަދަ ބިރުވެރި ބިންހެލުމަކުންނެވެ. މުބާރާތް ފެށެން އެންމެ 8 މަސް ދުވަހަށް ވެފައި ވަނިކޮށް އައި ބިންހެލުމާ އެކު މެކްސިކޯއަށް މުބާރާތް ބޭއްވިދާނެތޯ ދުނިޔޭގެ އެކި ގައުމުތަކުން ސުވާލު އުފެއްދި އެވެ. ނަމަވެސް، މެކްސިކޯގެ ސްޓޭޑިއަމްތަކަށް ބޮޑު ގެއްލުމެއް ލިބިފައި ނުވުމާއި، އެ ގައުމުގެ ސަރުކާރުން މުބާރާތް ބާއްވަން ބޭނުންވުމުން ފީފާ އިން ނިންމީ ކުރިއަށް ދާށެވެ.
މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅަ މުބާރާތެއް ނޫނެވެ. މިއީ ސިޔާސީ ގޮތުންނާއި ނަފްސާނީ ގޮތުން މުޅި ދުނިޔެ ބަލަން އޮތް ބޮޑު "ހަނގުރާމައެކެވެ." އާޖެންޓީނާ އާއި އިންގްލެންޑް ކުއާޓާ ފައިނަލްގައި ބައްދަލުކުރިއިރު، ދެ ގައުމުގެ މެދުގައި ކުރެވުނު ފޯކްލޭންޑް ހަނގުރާމައަށް އޮތީ އެންމެ ހަތަރު އަހަރެވެ. ދަނޑުމަތީގައި އާޖެންޓީނާގެ ކުޅުންތެރިން ނުކުތީ ހަމައެކަނި މޮޅުވާކަށް ނޫނެވެ. އެމީހުން ނުކުތީ ހަނގުރާމައިގައި ލިބުނު ނިކަމެތިކަމުގެ ބަދަލު ހިފާށެވެ.
މި މެޗު ވެގެންދިޔައީ ޑިއޭގޯ މެރަޑޯނާގެ "ޖާދޫ" މުޅި ދުނިޔެއަށް ދައްކާލި މެޗަށެވެ. މި މެޗުގައި މެރަޑޯނާ ޖެހި ދެ ލަނޑަކީ މިއަދާ ހަމައަށްވެސް ފުޓްބޯޅައިގެ އެންމެ މަޝްހޫރު ދެ ގޯލެވެ. ފުރަތަމަ ލަނޑަކީ އޭނާގެ އަތުން ޖެހި ލަނޑެކެވެ. ރެފްރީއަށް އެއީ ބޮލުން ޖެހި ލަނޑެއް ކަމަށް ހީވެ ގޯލު ބަލައިގަތުމުން މުޅި އިނގިރޭސި ވިލާތް ރުޅިން ކެކިގަތެވެ. މި ލަނޑުގެ ހޫނުގަނޑު ނުކެނޑި އުޅެނިކޮށް، އޭގެ ހަތަރު މިނެޓް ފަހުން އަމިއްލަ ހާފުން ފެށިގެން އިންގްލެންޑުގެ ފަސް ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އޭނާ ޖެހި ލަނޑަކީ "ގަރުނުގެ ލަނޑު" ގެ ގޮތުގައި ކަނޑައަޅާފައިވާ ހިތްގައިމު ލަނޑެވެ.
ފައިނަލުގައި ހުޅަނގު ޖަރުމަން 3-2 އިން ބަލިކޮށް އާޖެންޓީނާ ތަށި އުފުލާލިއިރު، މެރަޑޯނާ ވެގެންދިޔައީ އާޖެންޓީނާގެ ގައުމީ ބަތަލަކަށެވެ. މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު 6 ގޯލާއެކު އިންގްލެންޑްގެ ގެރީ ލިނެކާ ހޯދި ނަމަވެސް، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ތާރީހިގައި ލިޔެވިފައިވަނީ "މެރަޑޯނާގެ ވޯލްޑް ކަޕް" ގެ ގޮތުގަ އެވެ.