ހުޅަނގު ޖަރުމަނުގައި 1974 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ސިޔާސީ ގޮތުން ދުނިޔެ ދެބައިވެފައި އޮތް ދަނޑިވަޅެއްގައި، ބޭއްވި ފާހަގަކޮށްލެވޭ މުބާރާތެކެވެ. މި މުބާރާތުގެ އެންމެ ހައިރާންކުރުވަނިވި ވަގުތަކީ، ބާލިން ފާރުން ވަކިކުރެވިފައި އޮތް ދެ ގައުމު ކަމަށްވާ ހުޅަނގު ޖަރުމަނާއި އިރުމަތީ ޖަރުމަން ގުރޫޕް ސްޓޭޖުގައި ބައްދަލުކުރަން ޖެހުމެވެ. މުޅި ދުނިޔެ ސިއްސުވާލުމަށްފަހު، މުބާރާތް ބާއްވާ ގައުމު އަދި ފޭވަރިޓުންގެ ގޮތުގައި އޮތް ހުޅަނގު ޖަރުމަންގެ މައްޗަށް 1-0 އިން ކުރި ހޯދީ އިރުމަތީ ޖަރުމަނެވެ. މިއީ މި ދެ ގައުމުގެ ތާރީހުގައިވެސް އެ ދެ ޓީމު ބައްދަލުކުރި ހަމައެކަނި ރަސްމީ މެޗެވެ.
ބްރެޒިލްގެ ސަމްބާ ފުޓްބޯޅަ އަށް ފަނޑުކަން އޮތީ އައިސްފަ އެވެ. ބްރެޒިލްގައި އުފެއްދި އެންމެ މޮޅު ކުޅުންތެރިޔާ ޕެލޭ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުން މުބާރަތަށް ދިޔައީ އޭނާ ނުލަ އެވެ. ސަމްބާ ފުޓްބޯޅަ ފަނޑުވި އިރު ވިދާލީ ނެދަލެންޑްސްއިން ތައާރަފު ކުރި "ޓޯޓަލް ފުޓްބޯޅަ" އެވެ. ޔޯހާން ކްރައިފްގެ ކެޕްޓަންކަމުގެ ދަށުން ނެދަލެންޑްސް އިން ކުޅުނު ހިތްގައިމު ކުޅުމާއެކު، އެ ޓީމު ފައިނަލަށް ދިޔައީ ތަށި ނަގާނެ ކަމުގެ ފުރިހަމަ ޔަގީންކަމާ އެކުއެވެ. ފައިނަލް މެޗު ފެށިގެން ފުރަތަމަ މިނެޓުގައި، ހުޅަނގު ޖަރުމަންގެ ކުޅުންތެރިއެއްގެ ފައިގައި ބޯޅަ ޖެހުމުގެ ކުރިން ނެދަލެންޑްސް އިން ޕެނަލްޓީއެއް ހޯދައި ލީޑު ނެގި އެވެ. ނަމަވެސް، ހުޅަނގު ޖަރުމަންގެ ހިތްވަރުގަދަ ޑިފެންޑަރު ފްރާންޒް ބެކަންބާވާ އާއި ގޯލް މެޝިން ގާޑް މުލާގެ ހުނަރުން 2-1 އިން މެޗު އަނބުރާލައި، ހުޅަނގު ޖަރުމަނުން ދެ ވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި އުފުލާލި އެވެ.
މި މުބާރާތަކީ މިހާރު މި ބޭނުންކުރާ ފީފާ ވޯލްޑް ކަޕް ޓްރޮފީ ފުރަތަމަ ފަހަރަށް ބޭނުންކުރަން ފެށި އަހަރެވެ. 1970 ގައި ބްރެޒިލުން ކުރީގެ ތަށި މިލްކުކުރުމުން، އަލަށް ތައްޔާރުކުރި ރަން ތަށި ފުރަތަމަ ފަހަރަށް އުފުލާލުމުގެ ޝަރަފު ލިބުނީ ހުޅަނގު ޖަރުމަންގެ ކެޕްޓަން ބެކަންބާވާ އަށެވެ.