ފީފާ ވޯލްޑް ކަޕް 1930 ވަނަ އަހަރު އުރުގުއޭގައި ބާއްވަން އެ ގައުމަށް ފުރުސަތު ދިނީ މުހިންމު ދެ ސަބަބަކާ ގުޅިގެންނެވެ. ފީފާއިން 1914 ވަނަ އަހަރު އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓް އިންތިޒާމު ކުރަން ފެށި ފަހުން، އޮލިމްޕިކްސްގެ ޖެހިޖެހިގެން ދެ މުބާރާތް އުރުގުއޭއިން ކާމިޔާބު ކުރުމުން، އޭރު ބެލިފައި އޮތީ އުރުގުއޭ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި އެންމެ ކާމިޔާބު ގައުމުގެ ގޮތުގަ އެވެ. އަނެއް ކަމަކީ އުރުގުއޭގެ މިނިވަންކަމަށް 100 އަހަރު ފުރުން ފާހަގަކުރަން އެ ގައުމުން ތައްޔާރުވަމުން ދާތީ، އެ މުނާސަބަތުގައި ވޯލްޑް ކަޕް އެ ގައުމުގައި ބޭއްވުމެވެ.

ނަމަވެސް، އުރުގުއޭގައި ވޯލްޑް ކަޕް ބޭއްވުމަކީ ޔޫރަޕްގެ ގައުމުތަކަށް އެހާ ހިތްހަމަޖޭ ކަމަކަށް ނުވި އެވެ. އެންމެ ބޮޑު ސަބަބަކީ އެޓްލާންޓިކް ކަނޑު ހުރަސްކޮށްފައި ކުރަންޖެހޭ ދިގު އަދި ބުރަ ދަތުރެވެ. ބައެއް ގައުމުތަކުން ޓީމުތައް ފޮނުވާކަށް ބޭނުމެއް ނުވި އެވެ. މުބާރާތް ފެށެން ދެ މަހަށް ވީއިރު ވެސް ޓީމުތައް ފޮނުވާނެ ކަމުގެ ޔަގީންކަމެއް ޔޫރަޕުން ނުދެ އެވެ.

މިކަމުގެ ސަބަބުން އޭރުގެ ފުޓްބޯޅައިގެ ބޮޑެތި ބާރުތައް ކަމަށްވާ ޖަރުމަން، އިޓަލީ، ސްޕެއިން އަދި ނެދަލޭންޑްސް ފަދަ ގައުމުތަކުން މުބާރާތުގައި ބައިވެރިނުވެ، ނުސީދާ "ބޮއިކޮޓެއް" ކުރި އެވެ. ފީފާގެ އޭރުގެ ރައީސް ޖޫލްސް ރިމޭ އިސްނަންގަވައިގެން ކުރެއްވި ބުރަ މަސައްކަތުން، ބެލްޖިއަމް، ފްރާންސް، ޔޫގޮސްލޭވިއާ އަދި ރޮމޭނިއާ ކަނޑުމަގުން ދަތުރު ފެށީ ރިމޭގެ އާދޭހަށެވެ.

ޖުމްލަ 13 ޓީމާއެކު ކުރިއަށްދިޔަ މި މުބާރާތުގެ ފައިނަލުގައި އުރުގުއޭއިން އާޖެންޓީނާގެ މައްޗަށް ކުރި ހޯދީ 4-2 އިންނެވެ. މި މެޗުގެ ކުރިން ބޭނުންކުރާނެ ބޯޅައަކާ މެދު އުފެދުނު ހިލާފާ ގުޅިގެން ނިންމީ ދެ ގައުމުގެ ބޯޅަ ވެސް ބޭނުންކުރުމަށެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފު ކުޅުނީ އާޖެންޓީނާގެ ބޯޅައިންނެވެ. އެ ހާފު ނިމުނުއިރު 2-1 އިން އާޖެންޓީނާ އޮތީ ކުރީގަ އެވެ. ނަމަވެސް އުރުގުއޭގެ ބޯޅައިން ކުޅުނު ދެ ވަނަ ހާފުގައި، އެ ގައުމުން ވަނީ ތިން ގޯލު ޖަހައި މެޗުގެ ނަތީޖާ އަނބުރާލާފަ އެވެ.